ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓްކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުން، މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ޚިދުމަތް ދެމުން އައީ ހަމައެކަނި ވެލާނާގެ ބިލްޑިންގގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީހުންނެވެ.
ގއ. ވިލިނގިލީގައި މި ޚިދުމަތް ފެށުމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޑީއެންއާރު ހިންގެވުމާ ހަވާލުވެ ހުންނެވި އެ ވުޒާރާގެ ނައިބު އަޙްމަދު ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޚިދުމަތް ފެށުމަށްޓަކައި ގއ. އަތޮޅު ކައުންސިލާއެކު ޑީއެންއާރުން ވަނީ މިދިޔަ ޖުލައި މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ޚިދުމަތް ފެށުމާއެކު ގއ. އަތޮޅުގެ ރައްޔިތުންނަށް އައިޑީ ކާޑު ހެދުމަށް މާލެ އައުމުގެ ބަދަލުގައި ވިލިނގިލިން އެ ޚިދުމަތް ލިބިގެންދާނެއެވެ.
ޑީއެންއާރުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އޭގެ ފަހުން، 11 ނޮވެމްބަރު 1993 ގައި އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކުރެވުނެވެ.
މިހާރު ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމުކޮށްފައިވާއިރު، ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ފެށީ ކޮވިޑް-19 އާ ގުޅިގެން 2021 ގައެވެ. އަދި މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އައު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް، ރައްޔިތުންނަށް އަމިއްލައަށް ކާޑަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖެހުނެވެ. މީގެ އިތުރުން، ކާޑު ޕްރިންޓުކުރުމަށްފަހު އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތްވެސް ތަޢާރަފުކުރެވިގެން ދިޔައެވެ.
ވިލިނގިލީގައި މި ޚިދުމަތް ފެށުމާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މިއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އަތޮޅުތަކަށް ޚިދުމަތްތައް ގާތްކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށާއި މި ޚިދުމަތް ފެށުމުން ގއ. އަތޮޅުގެ ރައްޔިތުންނަށް ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އިތުރު އަތޮޅުތަކުގައިވެސް މި ޚިދުމަތް ފެށުން. މިގޮތުން ޅ. ނައިފަރާއި ސ. ހިތަދޫގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރިއަށް." ޑީއެންއާރު ހިންގެވުމާ ހަވާލުވެ ހުންނެވި އަޙްމަދު ޢަލީ ވިދާޅުވިއެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް މަޙްމޫދު ޢަލީ ވިދާޅުވީ، މި ޚިދުމަތް ފެށުމަކީ އަތޮޅުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށާއި މީގެ ކުރިން އައިޑީ ކާޑު ހެދުމަށް މާލެ ދާންޖެހުމަކީ ގިނަ ފަރާތްތަކަށް ދަތިކަމެއް ކަމަށެވެ. އަދި މި ޚިދުމަތް ވިލިނގިލިން ލިބެން ފެށުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށް މަޙްމޫދު ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމާއެކު، ގއ. އަތޮޅުގެ ރައްޔިތުންނަށް އައިޑީ ކާޑު ހެދުމަށާއި އާކުރުމަށް ވިލިނގިލީގައި ޤާއިމުކުރެވިފައިވާ ޑީއެންއާރުގެ އޮފީހަށް ހުށަހެޅޭނެއެވެ. މި ޚިދުމަތް ލިބެން ހުންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.









