މާލޭގައި މީހަކު ރަހީނުކޮށް، އެމީހާއަށް ޖިސްމާނީ ގޮތުން އެކި އަނިޔާތައްދީ، އިނގިލި ބުރިކޮށްލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ދެ އޮފިސަރުން ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަހީނުކުރި މައްސަލާގައި ދެ އޮފިސަރުން ހައްޔަރުކޮށް ތަހުޤީޤު ކުރަމުންދާތީ އެ ދެ މީހުން ސިފައިންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްޞީލެއް އެމްއެންޑީއެފް އިން ޙިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ، މިއީ މިއަހަރުގެ މެއި 25 އިން ޖޫން 25 އަށް ހުއްދަ ނޫން ގޮތުގައި މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި، ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތައްދީ، އޭނާގެ ވައަތު ކުޑަވާ އިނގިލި ބުރިކޮށްލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ޝިފާއު ވިދާޅުވީ، މިހާދިސާގައި އަނިޔާ ލިބިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާގެ ހަށިގަނޑު ބެލި ބެލުމުން، ޖިސްމާނީ ގޮތުން އެކިވަރުގެ އަނިޔާ ދީފައިވާކަން އެނގުނު ކަމަށެވެ. އޭނާގެ ވައަތު ލޯމަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން ވައަތު ލޮލަށް ލޭއަރައި، ލޯކައިރި ވަރަށް ބޮޑަށް ދުޅަވެ، ނޫފައި ގަނެފައި ހުރިކަމަށާއި، ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަޚަމްތަކާއި، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލާފައިވާކަން ފާހަގަކުރެވުނު ކަމަށް ޝިފާއު ވިދާޅުވިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އަލީ ސާމީ (24އ)، އަހުމަދު ސާއިފް ވަހީދު (18އ)، މުހައްމަދު ނައުޝަން ހުސެއިން (21އ)، މުހައްމަދު ނަފާހު (23އ) އަދި އަހުމަދު ޒަޔާން (24އ) އެވެ. މީގެ ތެރެއިން މުހައްމަދު ނަފާހު އާއި އަހުމަދު ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ ދެ މީހުންނެވެ.
މީގެ އިތުރުން މި މައްސަލައިގައި 18 އަހަރުން ދަށުގެ 3 ކުދިން ވެސް ހިމެނޭތީ އެކަން ވެސް ބަލަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ޢަމުރުކޮށްފައިވާއިރު މި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު ނަފާހް ވަނީ މައްސަލައިގެ ތަހުޤީޤު ނިމެންދެން ބަންދުކުރުމަށް ޢަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ، ކިޑްނެޕްކޮށްގެން އަނިޔާ ދީފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވި ފުލުހުންނަށް މަޢުލޫމާތު ލިބިގެންނެވެ.
މި މައްސަލައިގައި އަނިިޔާ ލިބިފައިވާ މީހާ ރަހީނުކޮށްގެން ހިފަހައްޓައިގެން ގެންގުޅެފައިވަނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުން މާލޭގައި ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓެއްގައެވެ. އެ ދެ އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ކުރުމުން މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކާ ގުޅޭ ލިޔެކިޔުންތައް ފެނިފައިވާ ކަަމަށް ވެސް ފުލުހުން ބުނެއެވެ. އެތަން އޮފީހެއްގެ ގޮތުގައި ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް ބަހައްޓާފައިވާ ކަން ވެސް ފުލުހުން ފާހަގަ ކުރާ އިރު، މި މައްސަލަ ހިނގަން މެދުވެރިވީ ސަބަބެއްގެ ގޮތުގައި ފާހަގަވެފައި ވަނީ މަސްތުވާތަކެތީގެ މުޢާމަލާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާ ލިބުނު މީހާ މެދުވެރިކޮށް އަނިޔާ ދިން ފަރާތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަން ތަހުޤީޤަށް އެނގިފައިވާ ކަމަށް ވެއެވެ. އަދި އެމީހާ ރަހީނުކޮށްގެން ގެންގުޅު ދެ އެޕާޓްމަންޓުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.









