މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ޕިކަޕުތަކަކާއި ބެއިލާ މެޝިންތަކެއް ހަދިޔާކޮށްފިއެވެ.
އެ ތަކެތި ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯޕާގެ ފަރާތުން ތަކެތި ހަދިޔާކުރެއްވީ މޯޕާގެ ރައީސް އަޙްމަދު މައުމޫނެވެ. ވެމްކޯގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
މޯޕާއިން ވަނީ ވެމްކޯއަށް ހަތަރު ޕިކަޕާއި ބެއިލަރުގެ އިތުރުން ޕްލާސްޓިކް ފުޅި އެއްކުރަން ގިނަ ޢަދަދެއްގެ ގޯނި ހަދިޔާކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވީ ރައްކާތެރިކޮށް ޕްލާސްޓިކް މެނޭޖުކުރުމަށް އެ ކޯޕަރޭޝަނަށް ދަތިކަމެއް އެބަހުރި ކަމަށާއި މޯޕާއިން މިއަދު ހަދިޔާކުރި ތަކެއްޗާއެކު މާލެއިން އުކާލާ ގިނަ ޢަދަދެއްގެ ޕްލާސްޓިކް މެނޭޖުކުރުމަށާއި އަތޮޅުތަކުން އުކާލާ ޕްލާސްޓިކްވެސް ރައްކާތެރިކޮށް ރިސައިކަލް ކުރުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށެވެ.
މުޖުތަބާ ވިދާޅުވީ މި ހަތަރު ޓްރަކް ބޭނުންކުރަން ގަސްތުކުރަނީ އައްޑޫ ހިތަދޫ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައި ޚިދުމަތްފަށާއިރު ފުނަދޫއާއި ގަމުގައި ބޭނުންކުރުމަށް ކަމަށެވެ.
މުުޖުތަބާ ވިދާޅުވީ އަތޮޅުތަކުގެ ވެމްކޯ ފެސިލިޓީތަކުގައި ވެސް ޕްލާސްޓިކް މެނޭޖުކުރެވޭ ކުދި ފެސިލިޓީތަކެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯޕާގެ ރައީސް މައުމޫން ވިދާޅުވީ އެ ޖަމިއްޔާއިން ބޭނުންވަނީ ރާއްޖޭގެ ބޮޑު އާބާދީއަކަށް ޕްލާސްޓިކް މެނޭޖުކުރުމަށް އެހީވުމަށް ކަމަށާއި މިހާރުވެސް އާބާދީގެ %65 ޕްލާސްޓިކް ފުޅި މޯޕާއިން ކަލެކްޓުކުރާ ކަމަށެވެ.









