އުތުރު އައިއެސްޕީއެސް ގޭޓްވޭ ވެގެންދާނީ މާކެޓް ޕްލޭސްއަކަށް ކަމަށާއި، އެތަނުން ނެގެން އޮތް އެންމެ ބޮޑު މަންފާއެއް ނަގާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އުތުރުގެ އައިއެސްޕީއެސް ގޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިމާދު ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަށަން މިއުޅެނީ ބަންކަރިންގެ ޚިދުމަތް ކަމަށާއި، އެކަމަށް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ އުތުރު އައިއެސްޕީއެސް ގޭޓްވޭ ހުޅުވުން ކަމުގައެވެ.
"މި ގޭޓްވޭ ވާނީ މާކެޓް ޕްލޭސްއަކަށް. އެއީ މި ގޭޓްވޭއިން މި އޭރިއާއިން ދަތުރު ކުރާ އުޅަނދުތަކުން ހަމައެކަނި ޔޮޓްތަކެއް ނޫން، ކާގޯ ބޯޓުތަކާއި ކޮންޓެއިނާ ޝިޕްތަކަށް ޚިދުމަތްތައް ދެވޭނެ. އަޅުގަނޑުމެންނަށް ނެގެން އޮތް އެންމެ ބޮޑު މަންފާއެއް ހޯދޭނެ،" ޝިމާދު ވިދާޅުވިއެވެ.
އިތުރަށް ޝިމާދު ވިދާޅުވީ މާދަމާ ފިއުލް ބަންކަރިން އިނޮގުރޭޓް ކުރާނެ ކަމަށާއި މި ކަމުން އިޤްތިޞާދަށް ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތް ފަށަން އެ ކުންފުނިން ވަނީ ތައްޔާރު ވެފައެވެ. އަދި މިހާރު ވެސް ބަންކަރިން ޚިދުމަތަށް އެދި ބުކިންތައް ލިބެމުން އަންނަ ކަމަށް އެސްޓީއޯ އިން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެފައިވަނީ ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތް ފެށުމާ އެކު މެރިޓައިމް ސިނާޢަތް ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދުގެ ތިން ވަނައަށް ނަފާ ހޯދައިދޭ ސިނާޢަތަށް ކަމަށެވެ.
މި ޚިދުމަތް ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޝިމާދު ވިދާޅުވިއެވެ..









