ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަންނައިރު އެތަންތަނަށް ފައިސާ ދެއްކުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް، ހައުސިން ޑިވެލޮޕްމެންޓް ންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމެންޓްތައް ވިއްކުމުގެ މުޢާމަލާތް ކުރާނީ އިމާރާތްކުރާ ފަރާތާއި ގަންނަ ފަރާތާއި ދެމެދު އެއްބަސްވާ ގޮތުގެ މަތިން ކަމަށެވެ. ނަމަވެސް އެގޮތަށް ކުރިއަށްގެންދާއިރު ފައިސާގެ މުޢާމަލާތް ކުރަންވާނީ އެޗްޑީސީއާއި އިމާރާތްކުރާ ފަރާތާއި ދެމެދު ވެފައި އޮތް އެއްބަސްވުމާއި އެއްގޮތަށްކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ރެޒިޑެންޝަލް އިމާރާތަކުން އެޕާޓްމެންޓް ގަތުމަށް އޮންނަ އުސޫލުގައިވާ ގޮތުން އެޕާޓްމެންޓްމެންޓެއްގެ ބުކިން ފީއެއްގެ ގޮތުގައި ގިނަވެގެން ނެގޭނީ 50،000 ރުފިޔާއެވެ. މި އަދަދަކީ އެޕާޓްމާޓްމެންޓުގެ ޖުމްލަ އަގުން އުނިކުރެވޭ ރިފަންޑަބަލް އަދަދެކެވެ.
އެޗްޑީސީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެޕާޓްމެންޓް ބުކްކޮށް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ ނިމުމުންނެވެ. އެހެންކަމުން، އިމާރާތުގެ މަސައްކަތުގެ ވަކި މިންވަރެއް ފުރިހަމަ ނުވެ، އެޗްޑީސީގެ ހުއްދަ ނެތި އެޕާޓްމެންޓުތަކަށް ޑިވެލޮޕަރުންނަށް ބުކިން ފީ ގެ އިތުރަށް އެއްވެސް ފައިސާއެއް ނުނެގޭނެއެވެ.
އަސޭރިއާ މަޝްރޫޢު ފިޔަވައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ހުރިހާ ރެޒިޑެންޝަލް އިމާރާތްތައް ވިއްކުމުގައި އަމަލުކުރާނީ މި އުސޫލުންކަން އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. އަސޭރިއާ މަޝްރޫޢުގައި އެޕާޓްމެންޓް ވިއްކާ ފަރާތައް ބުކިން ފީ އެއް ގޮތުގައި ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ނެގުމުގެ ފުރުސަތު ދެއެވެ. އަދި އިމާރާތުގެ 20 އިންސައްތަ ނުނިމުނަސް އެޗްޑީސީއާއި އެކުންފުންޏާއި ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަށް އެފައިސާ ޖަމާކޮށް އެޕާޓްމެންޓު ގަނެވޭނެއެވެ.
އެޗްޑީސީން ވަނީ ހުޅުމާލެއިން އެޕާޓްމެންޓް ގަންނަ ފަރާތްތަކުން ފައިސާގެ މުޢާމަލާތް ކުރުމުގައި މިކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.









