ތިލަފުށިން އުތުރުތިލަފަޅާއި ގިރާވަރުފަޅު ގުޅާލާ ބްރިޖްގެ ދިރާސާތައް ހެދުމަށް ޢިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ބޭފުޅުންނާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ޢިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވަނީ ތިލަފުށިން އުތުރުތިލަފަޅާއި ގިރާވަރުފަޅު ގުޅާލާ ބްރިޖް މަޝްރޫޢާއި ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ދިރާސާތައް ހެދުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު މަޝްރޫޢަކަށް ވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތިލަފުއްޓާއި ގިރާވަރު އަދި އުތުރުތިލަފަޅު ގުޅާލަން އަޅާ ދެ ބްރިޖްގެ އަމަލީ މަސައްކަތް 2026 ގައި ފެށުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ އުތުރުތިލަފަޅާ ހަމައަށް ބްރިޖް އަޅަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ މަޝްރޫޢު އެތަނުގައި ކުރިއަށްގެންދާތީ ކަމަށެވެ.

މި މަޝްރޫޢުގެ ދިރާސާތައް ހެދުމަށް ކުރެވުނު މަޝްވަރާތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މި މުހިންމު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރެވޭކަމަށް އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.