ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ.
މި މަޝްރޫއު ފަރުމާކޮށްފައިވަނީ ކުރީގެ ސަރުކާރުތަކުން ފަޅު ހިއްކައިގެން ހިންގާފައިވާ މަޝްރޫއުތަކާ ވަރަށް ބޮޑަށް ތަފާތުކޮށެވެ. ކުރީގެ ޕީޕީއެމް ވެރިކަމުގައި ހިންގި އެމްބޫދޫ ލެގޫން މަޝްރޫއަކީ މައިގަނޑުގޮތެއްގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ތަރައްގީކުރި ތަނެކެވެ. އަދި އެމްޑީޕީ ވެރިކަމުގައި ގެންގުޅު 'ޕްރޮޖެކްޓް އައިލާ' ހާއްސަކޮށްފައިވަނީ އަލްޓްރާ-ލަގްޒަރީ ރެޒިޑެންޝަލް ރިސޯޓަކަށެވެ. އެގޮތުން ކުރިން އެމްބޫދޫ ލެގޫން 50 އަހަރަށް 40 މިލިއަން ޑޮލަރަށް ކުއްޔަށްދީފައިވާއިރު، ޕްރޮޖެކްޓް އައިލާ ފަށާފައިވަނީ 27 މިލިއަން ޑޮލަރުގެ ކުއްޔަކަށެވެ. މިހާރުގެ ސަރުކާރުގެ ދަށުން އެ ތަން ވަނީ 790 މިލިއަން ޑޮލަރުގެ ސަސްޓޭނަބަލް ޓައުންޝިޕް މަޝްރޫއަކަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ލަގްޒަރީ ރެޒިޑެންސްތަކާއި، ހާއްސަ ރިސޯޓަކާއި، ސިއްހީ އަދި ހޮސްޕިޓަލިޓީ ތައުލީމީ ވަސީލަތްތައް ހިމެނެއެވެ.
ރަސްމާލެ މަޝްރޫއުން މި ކޮންސެޕްޓް މާ ބޮޑަށް ފުޅާކޮށްލައެވެ. ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައި ހިންގާ މި މަޝްރޫއުގައި ބޯހިޔާވަހިކަމާއި، ވިޔަފާރިއާއި، ޓޫރިޒަމާއި އަދި އާންމު ހިދުމަތްތަކުގެ އުމްރާނީ ވަސީލަތްތައް އެއްކޮށްލާފައިވެއެވެ. ސަރުކާރުން ބުނާގޮތުގައި މި މަޝްރޫއު ފަރުމާކޮށްފައިވަނީ ދައުލަތަށް ދާއިމީގޮތެއްގައި އާމްދަނީ ލިބޭގޮތަށެވެ. އެގޮތުން ކުއްޔަށް ދެވޭ ތަންތަނުގެ އާމްދަނީގެ 10 އިންސައްތައާއި، މުދާ ވިއްކުމުން ލިބޭ އާމްދަނީގެ 4 އިންސައްތައިގެ އިތުރުން ޓޫރިޒަމާ ގުޅުންހުރި ޓެކްސްތައް ދައުލަތަށް ލިބިގެންދާނެއެވެ.
މި ތަރައްގީއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ތަސައްވުރުގެ އެންމެ މުހިންމު އެއް ބައެވެ. ރަސްމާލެ ހިއްކުމުގެ މަޝްރޫއު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަށާފައިވަނީ ގައުމީ ފެންވަރުގައި އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުގެ ގޮތުގައެވެ.









