ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި އާދަމް އަތުހަރު (32އ) މަރުވެފައިވަނީ ދަންޖެހިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާ ކަމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފިއެވެ..
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވި ގޮތުގައި އަތުހަރުގެ އޮޓޮޕްސީ ރިޕޯޓުގައި މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ލިޔެފައިވަނީ "ކޮންސިސްޓެންޓް ވިތް ޑެތް ޑިއު ޓު ހޭންގިން" ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އަތުހަރު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އެ އަންހެން މީހާ ރަހީނު ކުރުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ. ހައްޔަރުކުރުމުގެ ތެރޭގައި އޭނާއަށް އެކި ވަރުގެ ޒަޚަމްތައް ލިބުނު ކަމަށް ފުލުހުން ބުނެއެވެ.
އަތުހަރަށް ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އޭގެފަހުން ފިޓު ޖެހިގެން ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދެވުނެވެ. ދޫނިދޫ ބަންދުގޭގައި ހުއްޓާ އޭާ އޭނާ ދަންޖެހިފައިވާ ޙާލަތުގައި ފެނުމާ ގުޅިގެން، މި މަހުގެ ފުރަތަމަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވުނެވެ. އޭގެ ފަހުން، ވެންޓިލޭޓަރުގައި އޮއްވާ އަތުހަރު ނިޔާވިކަން މި މަހުގެ 2 ވަނަ ދުވަހު ރަސްމީކޮށް އިޢުލާނު ކުރެވުނެވެ. އަދި އިތުރު ތަޙްޤީޤަށްޓަކައި، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މި މަހުގެ 5 ވަނަ ދުވަހު އިންޑިއާއަށް ފޮނުވާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.









