މި އަހަރުގެ މިހާތަނަށް 234 ޒުވާން ހަތީބުން އިސްލާމިކް މިނިސްޓްރީން ތަމްރީންކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒުވާން ހަތީބުންގެ މަޝްރޫއަކީ ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއު ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކާއި މައިންބަފައިން ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިންތިހާބުގައި ބައެއް ރަށްރަށް ޒިޔާރަތްކުރި އިރުގައި ލިބުނު ޝަކުވާއެއް މިހާރު ތިބި ހަތީބުންގެ ތެރޭގައި ބައެއް ބޭފުޅުން ވަރަށް ބޮޑަށް އުމުރުން ދުވަސްވެ ރިޓެޔާ ވެފައިވާ ކަން. އެހެންކަމުން ބައެއް ރަށްރަށުގައި ހުކުރު ކުރުމަށް އިމާމުން ގެންނަނީ ޖެހިގެން އޮންނަ ރަށުން. ޖެހިފައިވާ މައްސަލައަކީ ހުއްދަ އޮންނަ މީހުން ނެތުން. ޒުވާން ޖީލެއް އެކަމަށް ޓަކައި ތަރުބިއްޔަތުވެފައި ނެތުން. އެހެންވީމަ އަޅުގަނޑުމެން ފެށީ ޒުވާން ހަތީބުން ތަމްރީން ކުރުމުގެ މަޝްރޫއު." މިނިސްޓަރު ވިދާޅުވިއެވެ.
"މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 65 ޒުވާން ހަތީބުން ވަނީ ތަމްރީން ކޮށްފައި. އެ ކުދިން ރަށްތަކަށް ދިއުމުން މަރުހަބާ ކިޔައި އެ ކުދިން ލައްވާ ހުކުރު ކުރުވުމާއި އީދު ނަމާދު ކުރުވި މަންޒަރު ފެނިގެން ދިޔަ, މީގެ މާނައަކީ ރާއްޖޭގެ އިސްލާމީ މުސްތަގްބަލް ވަރަށް އުޖާލާކަން. ރާއްޖޭގެ އިސްލާމީ މުސްތަގްބަލް އޮތީ ފާގަތިކޮށްކަން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޕްރޮގްރާމްގެ ދެވަނަ ބުރުގައި 169 ކުދިން ތަމްރީންކޮށްފައިވާ ކަމަށެވެ. އެއާއެކު މިހާތަނަށް ޖުމްލަ 234 ޒުވާން ހަތީބުން ތަމްރީންކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ސްކޫލު ނިންމާ ކުދިންގެ ތެރޭގައި ވަރަށް ގާބިލް ތައުލީމީ ކުދިން ތިބި ކަމަށާއި، ގުރުއާން ކިޔެވުމާއި ދީނީ އިސްލާމީ މާއްދާތަކުން މަތީ ދަރަޖަ ހޯދާ ކުދިން އުޅޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ސަބަބަށްޓަކައި، މި ޕްރޮގްރާމަށް ހުޅުވާލުމުން ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިލި ކަމަށް މިނިސްޓަރު ވިދު ވިދާޅުވިއެވެ.
މިސްކިތްތަކުގެ މެމްބަރުތަކުން ޒުވާނުން ހެޔޮ ކަންތަކަށް އަމަލުކުރުމަށް އަންގައި ނުބައި ކަންކަން ނަހީކުރާ މަންޒަރަކީ ކޮންމެ މަންމައަކާއި ބައްޕައަކާއި އަދި މުޖްތަމައުގެ އެންމެން އުފާކުރާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.









