އުރީދޫ މޯލްޑިވްސް އާއި ވިލާ ކޮލެޖު ގުޅިގެން ޑިޖިޓަލް ދާއިރާގައި ޒުވާނުން ބާރުވެރިކުރުމަށް އަމާޒުކޮށްގެން އައު ޕާޓްނަރޝިޕެއް ފަށައިފިއެވެ. މި ޕާޓްނަރޝިޕްގެ ދަށުން، ދަރިވަރުންނަށް ތަމްރީނާއި އިންޓަރންޝިޕްގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
މި ޕާޓްނަރޝިޕްގެ މައިގަނޑު މަޤްޞަދަކީ ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ ދަރިވަރުންނަށް މަގުފަހިކޮށްދިނުން ކަމަށް އުރީދޫން ބުނެއެވެ. މިގޮތުން، ދަރިވަރުންނަށް އަމަލީ ތަޖުރިބާއާއި އިންޑަސްޓްރީގެ އިލްމު ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ދަރިވަރުން މަސައްކަތުގެ މައިދާނަށް ތައްޔާރުކުރެވި، ޤައުމުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީތެރިވެދެވޭނެ ކަމަށް އުރީދޫ މޯލްޑިވްސްގެ އެޗްއާރު ޑިރެކްޓަރު ފަޒްނާ މަންސޫރު ވިދާޅުވިއެވެ.
"ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަންއަށް ޝައުގުވެރިވާ ދަރިވަރުންނަށް އަގުހުރި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކޯލަބަރޭޝަން ގެ ޒަރިއްޔާއިން މި ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ." ފަޒްނާ މަންސޫރު ވިދާޅުވިއެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ދިވެހިރާއްޖޭގެ ޒުވާނުންނަށް ޑިޖިޓަލް ދާއިރާގައި ކުރިއަށްދިއުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އުރީދޫ މޯލްޑިވްސް އާއި ވިލާ ކޮލެޖުން ބުނެއެވެ.









