މެލޭޝިޔާއިން ރާއްޖެއަށް 3.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހެއްގެ ބަންދު މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފިއެވެ.
ކަސްޓަމްސް އިން އިއްޔެ ހާމަކުރި ގޮތުގައި މި މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި އެއާ ކާގޯ ޝިޕްމަންޓަކާއި، ހަމަ އެ ދުވަހު ރާއްޖެ އައި މެލޭޝިއާ އެއާލައިންސްގެ ފްލައިޓް ނަންބަރު އެމްއެޗް485 އިން ދަތުރުކުރި ދިވެހި ފަސިންޖަރެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ތިން ބާވަތަކަށް ފައްސިވެފައިވާ ކަމަށް ދައްކައެވެ. މީގެ ތެރޭގައި އެއާ ކާގޯއިން ފެނުނު 3010 ގްރާމްގެ ހެރޮއިނާއި، ދިވެހި މީހާ އަތުން ފެނުނު 48 ގްރާމްގެ ހެރޮއިނާއި، 315 ގްރާމްގެ މެތުއެމްފެޓަމިނާއި، 215 ގްރާމްގެ ސިންތެޓިކް ކެތިނޯން ހިމެނެއެވެ. މި ހުރިހާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3588 ގްރާމެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނީ ސ. ހިތަދޫ، ސަމަންދަރު، އަހުމަދު އަހްސަން (35އ) އެވެ. އޭނާ ހައްޔަރުކުރެވުނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.









