ދިވެހިރާއްޖެއާ ގުޅޭ ހޮލީވުޑް ފިލްމެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ހާމަކުރައްވައިފިއެވެ. މި މަޢުލޫމާތު ވަޒީރު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް އިތުރު އިންވެސްޓްމަންޓް ގެނައުމެވެ.
"އަޅުގަނޑުމެން ވަނީ އެމެރިކާއަށް ކުރި ދަތުރެއްގައި ހޮލީވުޑްގެ ފަރާތްތަކާ މަޝްވަރާކޮށްފައި. އަދި އޭގެ އިތުރުން ސިޓީއެއް ވެސް ފޮނުވާފައިވާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ރާއްޖޭގައި "ސްޓަރ ވާސް: ރޯގް ވަން" އާއި ބޮލީވުޑްގެ ބައެއް ފިލްމުތައް ޝޫޓްކޮށްފައިވެއެވެ. މިފަދަ ބޮޑެތި ޕްރޮޖެކްޓްތަކުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. "މިސާލަކަށް ނަމެއް ދަންނަވާނަމަ، އަޅުގަނޑުމެން ސިޓީއެއް ފޮނުވިން ފައިންޑިން ނީމޯ ސްޓޯރީ ލިޔުނު ފަރާތަށް. އެ މަސައްކަތުގެ ތެރެއިން ހޮލީވުޑްގެ ސްޓާޓް އަޕް ކޮމްޕެނީއާކާއެކު މަޝްވަރާކުރެވި ރާއްޖެއަށް ވެސް އެބޭފުޅުން އައިސް ގިނަ ފަރާތްތަކާ ބައްދަލުކޮށްފި." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުން ދިވެހިރާއްޖެއާ ގުޅުންހުރި ފިލްމެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު، ކުރީގައިވެސް ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ފިލްމުތަކެއް ޝޫޓް ކުރެވިފައި ވާކަން ފާހަގަ ކުރެވެއެވެ. މީގެއިތުރުން، ބޮލީވުޑްގެ އެކި ފިލްމުތަކާއި، ޑްރާމާ ސީރީޒްތަކާއި، މިއުޒިކް ވީޑިއޯތަކުގެ ވަކި މަންޒަރުތައް ވެސް ދިވެހިރާއްޖޭގައި ކުރިން ޝޫޓް ކުރެވިފައި ވެއެވެ.









