ހުޅުމާލޭގައި 8 ޒޯނަކުން ޖުމްލަ 1,374 ޕޮކެޓް ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށްފަިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައިއެވެ.
މި ޖާގަތައް ދޫކުރެވޭނީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، މަހަކު 2,000 ރުފިޔާގެ ކުއްޔަކަށް ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
މި ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލެވޭނީ 18 އަހަރުން މަތީގެ، މާލޭ ސަރަޙައްދުގައި ދިރިއުޅޭ، އަދި B1 ނުވަތަ C1 ކެޓަގަރީގެ ވެހިކަލް އޮންނަ ދިވެހި ރައްޔިތުންނަށް ކަމަށް އެޗްޑީސީން ބުންޏެވެ. އިސްކަންދިނުމުގައި ފުރަތަމަ އިސްކަންދެވޭނީ ހުޅުމާލޭގެ ވެހިކަލްތަކަށް ކަމަށާއި، ދެން އިސްކަންދެވޭނީ މާލޭ ސަރަހައްދުގެ އެހެނިހެން ވެހިކަލްތަކަށް ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ޕާކިންގ ސްލޮޓްތައް ދޫކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި ފުރުޞަތަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 1 އޮކްޓޯބަރު ކަމަށްވެސް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ މި ޕްރޮޖެކްޓުން މާލޭ ސަރަޙައްދުގެ ޕާކިންގ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށާއި މިއީ މާލޭ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.









