ސިނަމާލެ ބްރިޖާއި ހަލިމަގު ހުރަސްކޮށް ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކަށް، ޤަވާއިދާ ޚިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި ފެންނަނީ ސައިކަލުގެ ފަހަތުގައި އިން މީހަކު ސަރފްބޯޑެއް ހިފަހައްޓައިގެން ބްރިޖުގައި ދާ މަންޒަރެވެ.
މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކާމެދު، ގަވާއިދާ ޚިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ މިފަދަ ޢަމަލުތަކަކީ އަމިއްލަ ނަފްސަށާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އާންމުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ދާދި ފަހުންވެސް ސިނަމާލެ ބްރިޖާއި ހަލިމަގު ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ.









