މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ މި ދައުރުގެ 10 މެންބަރުންގެ މުއްދަތު ޑިސެންބަރު 14 ގެ ނިޔަލަށް ހަމަވާތީ، އާ ދައުރަކަށް މެންބަރުން ހޮވުމަށްޓަކައެވެ.
ކައުންސިލްގައި ހިމެނެނީ މީޑިއާތަކުން ތަމްސީލުކުރާ 7 މެންބަރުންނާއި އާންމު 3 މެންބަރުންނެވެ. އާންމު މެންބަރުންގެ ގޮތުގައި ބެލެވެނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރު ދުވަހެވެ. އަދި އެއްވެސް މީހަކަށް ޖެހިޖެހިގެން ދެ ދައުރު އަދާ ނުކުރެވޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ޤާނޫނީ ދާއިރާ، ދިވެހި ބަހުގެ ދާއިރާ، އިންސާނީ ޙައްޤުތަކުގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، އަދި އިޖްތިމާޢީ ސައިންސަސްގެ ދާއިރާގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކުން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.
މި މަޤާމަށް ކުރިމަތިލެވޭނެ އެންމެ ފަހު މުއްދަތަކީ މިި މަހުގެ 25 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.









