ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މޭ މަހުގެ 30 ވަނަ ދުވަހު ކުރި އިއުލާނަށް ތިންވަނަ އިސްލާހު ގެނެސްފައިވާކަމަށް އެ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މި އިސްލާހާ ގުޅިގެން ކުރިން އިއުލާނުކުރެވުނު ލިސްޓުން 3 ރަށެއް ވަނީ އުނިކޮށްފައެވެ. އެއީ ޅ. ދިއްފުށި، ޅ. މައިދޫ އަދި ގދ. ކަޅުހުއްޓާއެވެ.
އެ ތިން ރަށް އުނިކޮށް، މި ލިސްޓަށް 6 ފަޅަކާއި އެއް ރަށް ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ އަތޮޅުގެ 3 ފަޅަކާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ފަޅެއްގެ އިތުރުން، ފެލިދެ އަތޮޅުގެ ފަޅަކާއި، އަރިއަތޮޅު ދެކުނުބުރީގެ ފަޅެކެވެ. އަދި ހުވަދު އަތޮޅު ދެކުނުބުރީގެ ރަށެއްކަމަށްވާ ރާވެރިންކޮޅިހުއްޓާ ވެސް ވަނީ މި ލިސްޓަށް އިތުރުކޮށްފައެވެ.
މި ރަށްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ފަތުރުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ބުނެ، ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރިން ހުޅުވާލި ރިސޯޓުތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މި ސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.






