މާލޭގައި ސަތޭކައަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ 30 އަހަރުގެ ރަސުލް އުލާ ރިދޯއީއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބޮޑުފުޅައް ގޯޅީގައެވެ. އެ ސަރަހައްދުން ދަނިކޮށް ފުލުހުންނަށް ކާރެއް ކައިރީގައި ތިބި ބަޔަކު ފެނުމުން، އެ މީހުން ކާރު ދޫކޮށްލާފައި ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ކަމުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން އެ ކާރު ބަލައި ފާސްކުރިއިރު 106 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ރަސުލް އުލާ ރިދޯއީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުޤީޤުކުރަމުންނެވެ.









