މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ވުޒާރާއާއި، ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށެވެ.
މިއަދު އެ ވުޒާރާގައި ބޭއްވި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މުޅި ރާއްޖެއަށް ރަށު ފަތުރުވެރިން އާންމުވެގެންދާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރުން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ވެސް ފަތުރުވެރިކަން ފުޅާވަމުން އަންނަ އިރު، ރަށްރަށުގައި ގެސްޓް ހައުސްތައް ހުޅުވާ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެއާއެކު މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް ވަނީ މުހިންމުވެފައެވެ.
މިގޮތަށް އާންމުން ދިރިއުޅޭ ރަށްރަށަށް ގޮސް އުޅޭ ފަތުރުވެރިން، ރަށު ތެރޭގައި ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ މައްސަލައާއި އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ކުރާކަމުގެ މައްސަލައަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ. އެފަދަ ހެދުން އަޅައިގެން އުޅެވޭނެ ވަކި ސަރަޙައްދުތަކެއް ބައެއް ރަށް ރަށުގައި ކަނޑައަޅާފައި ހުރިނަމަވެސް، އެކަމާ ޚިލާފަށް ކުޑަކުދިންގެ ކުރިމަތީގައި ފަތުރުވެރިން އެގޮތަށް އުޅުމަކީ އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.









