ފުވައްމުލަކުގައި ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް ބާލަން އުޅެނިކޮށް އިއްޔެ އަނިޔާވި މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެވިއްޖެ އެވެ. އިއްޔެ ހެނދުނު ފުވައްމުލަކުގައި ބިއްލޫރި ޝީޓުތަކެއް ތަޅައިގެން ގޮސް ހަތަރު މީހަކަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދެވުނެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، މާލެ ގެނައި ބިދޭސީ މީހާގެ ފައިގެ ދެ ތަނަކުން ބިނދި، ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވެއެވެ. އަދި ދެން ތިބި މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ އޮފިޝަލް ފާހަގަކުރެއްވި އެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މަޢުލޫމާތު ދިން ގޮތުގައި، މާލެ ގެނެވުނު ބިދޭސީ މީހާގެ ފަރުވާ މިހާރު ކުރިއަށްދަނީ ވޯޑެއްގައި އެޑްމިޓް ކުރެވިގެންނެވެ.
މި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބިއްލޫރި ޝީޓުތައް ހުރީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ. އަދި ބިއްލޫރިތައް ހުރި ޕެލެޓް ކަމަށް ބެލެވޭ އެއްޗަކާއި ފުނޑުފުނޑުވި ޝީޓުތައް ވެސް ހުރީ ދޯނި ތެރޭގައި ކަމަށް ފާހަގަކުރެވެ އެވެ.









