ހޮނިހިރު ދުވަހުގެ ހަވީރު ޣައްޒާ ސިޓީގެ އިރުދެކުނު ސަރަހައްދުގައި ހުރި ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
އިސްރާއީލުގެ ފަޔަރ ޖެޓްތަކުން ޝުހާދާ އަޒް-ޒައިތޫން ސްކޫލަށް އަމާޒުކޮށްގެން އެތަނުގައި ތިބި ގެދޮރު ގެއްލިފައިވާ މީހުންނަށްދިން ހަމަލާގައި މަދުވެގެން ފަސް އާންމުން ވަނީ ޝަހީދުވެފައި ކަމަށާ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް އިސްރާއީލުން ނަސްލު ނައްތާލުމުގެ ހަމަލާތައް ފެށުނު ފަހުން އިސްރާއީލުން ވަނީ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދޭ 152 ސްކޫލެއް ހިމެނޭ ގޮތަށް 172 އެކޮމޮޑޭޝަން ސެންޓަރަކަށް ހަމަލާ ދީފައެވެ.
މީގެ އިތުރުން އުތުރުގައި ދިރިއުޅޭ ފަލަސްތީނުގެ މީހުން ވަގުތުން ގެދޮރު ދޫކޮށް ދިއުމަށް ހައްދުފަހަނައެޅި ފޯސްތަކުން ވަނީ އާ އަމުރެއް ނެރެފައެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަނާކުރަނިވި ޖަރީމާތައް ހިންގަމުން އަންނައިރު ދުނިޔޭގެ ބާރުގަދަ ގައުމުތަކަށް އެކަމެއް ނުހުއްޓުވުނެވެ.
އދ.ގެ ރަސްމީ ރެކޯޑުތަކުން ދައްކާ ގޮތުގައި ފަލަސްތީނުގެ 41،182 މީހުން ޝަހީދުވެ، 95،280 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
މީގެ އިތުރުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ ކަމަށް ބެލެވޭ މަދުވެގެން 10،000 މީހުން ތިބޭނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.









