އެސެޓްތަކުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އިން ރާއްޖޭގައި ބްރާންޗެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިއުލާން ކުރައްވައިފިއެވެ.
މި ފިޔަވަޅަކީ ޗައިނާއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ކުރީގެ ވެރިކަމުގައި ޖަމާކޮށްފައިވާ ބޮޑެތި ބޭރުގެ ދަރަނިތަކުގެ ސަބަބުން ނާޒުކުވެފައިވާ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ގެންގުޅޭ ބޮޑު އިގްތިސާދީ މަސައްކަތުގެ ތެރެއިން ބައެކެވެ.
މިއީ، ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު އާލާކުރުމަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ ބޮޑު ބުރަ ހައްލުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އައިސީބީސީ ބްރާންޗް ހިންގަން ފެށުމުން މާލީ މުއާމަލާތްތަކަށް ލުއި ދިނުމާއި ވިޔަފާރި ކުރިއެރުވުމާއި އިންވެސްޓްމަންޓްތަކަށް އާ މަގުތަކެއް ހުޅުވިގެންދާނެ އެވެ.
ދުނިޔޭގައި އައިސީބީސީގެ ބާރު އަދި ރާއްޖެއަށް ވާނެ މައިގަނޑު ފައިދާ
އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 17،000 އަށް ވުރެ ގިނަ ބްރާންޗް ހިންގާއިރު، އެއީ ދުނިޔޭގެ ފެންވަރުގައި ފޯރާފައިވާ މާލީ ބާރުގަދަ ބޭންކެކެވެ. 50 އަށް ވުރެ ގިނަ ގައުމުގައި އައިސީބީސީގެ ފުޅާ ނެޓްވޯކުން ބައިނަލްއަގްވާމީ މާކެޓްތަކަށް ފަސޭހައިން ވަދެވޭނެ ގޮތް ފަހިކޮށްދީ، ރާއްޖެ އަށް ވިޔަފާރި ހިންގަން ފަސޭހަވެ އިގްތިސާދު "ބޫސްޓު" ކޮށްލެވޭނެ މަގު ތަނަވަސްވާނެއެވެ. ހާއްސަކޮށް ބޭރުގެ ދަރަނިތަކަށް ލުއި ހޯދުމަށް ބޮޑު މަގެއް ކޮށައިލެވޭނެއެވެ.
މީގެ އިތުރުން ޚާއްސަކޮށް އިމްޕޯޓް-އެކްސްޕޯޓް ދާއިރާގައި މާލީ މުއާމަލާތްތައް އޮމާންކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދީ، ވިޔަފާރީގެ މާހައުލު އިތުރުވެގެންދާނެއެވެ.
ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މި މުއާމަލާތްތަކުގެ އަގު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.









