ހުކުރު ދުވަހު ޣައްޒާސިޓީއަށް އަމާޒުކޮށް ޔަހޫދީން ދިން ހަމަލާގައި ދެމީހުން ޝަހީދުވެއްޖެއެވެ. ފުރަތަމަ ހަމަލާ ދިނީ ޣައްޒާސިޓީގެ މީހުން ދިރިއުޅޭ ގެއަކަށެވެ. ދެވަނަ ހަމަލާދިނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރާއަށެވެ. މިތަނުންވެސް އެކަކު ޝަހީދުވިއިރު، މި ދެހަމަލާގައިވެސް ގިނަ ބަޔަކު ޒަހަމް ވިއެވެ.
މީގެ އިތުރުން، ހުކުރު ދުވަހުގެ ހަވީރު އިސްރާއީލުގެ ހައްދުފަހަނައެޅި ސިފައިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ހިބްރޫންގެ ދެކުނުގައި އޮންނަ އަތު ތަބަގާ އަވަށުގައި ކަރުނަގޭސް ޖަހައި މުޅި ސަރަހައްދަށް ކަރުނަގޭހުގެ ތޫފާނެއް ގެނެސްފައި ކަމަށް އެ އަވަށު މީހުން ބުނެއެވެ. މިކަމުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 10އެއްހާ މީހުންނަށް ފަރުވާ ދޭން ޖެހުނެވެ.

މަންޒަރު ދުށް މީހުން ސިފަކުރި ގޮތުގައި އިސްރާއީލުގެ ސިފައިން އެ ރަށަށް ވަދެ ފަލަސްތީނުގެ ގެދޮރުގެ ފުރާޅުތަކަށް ވެސް އެރިއެވެ. އަދި ކަރުނަ ގޭސް ކެނިސްޓަރާއި ކޮންކަޝަން ގްރެނޭޑްތަކުން ހަތިޔާރު އެޅި ސިފައިން އެއްވެސް ބެލުމެއް ނެތި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކުރިއިރު، އެތައް އާންމުންނެއް ނޭވާ ހާސްވެ، ވިހަ ދުންތަކުން ސަލާމަތްވުމަށް ފިލަން ދިޔަ އެވެ









