ރާއްޖެއާއި ޗައިނާއާ ދެމެދު ދެ ޤައުމުގެ ފައިސާއިން މުޢާމަލާތުކުރަން ފެށުމުން ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ފައިޞަލް ވިދާޅުވި ގޮތުގައި ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އަދި ވިޔަފާރީގެ މުޢާމަލާތްތައް އެންމެ ގިނައިން ކުރާ ޤައުމެވެ. އެހެންކަމުން، މި އައު އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ހިނގާ އިޤްތިޞާދީ މުޢާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ފައިޞަލް ފާހަގަކުރެއްވިއެވެ.
"މި އެއްބަސްވުމުގެ ސަބަބުން ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެ، ދިވެހި ފައިސާގެ އަގު އުފުލިގެންދާނެ، މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ" ފައިޞަލް ވިދާޅުވިއެވެ.
ފައިޞަލް އިތުރަށް ހާމަކުރެއްވި ގޮތުގައި މިއަހަރު މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އޭގެތެރެއިން 204,832 އަކީ ޗައިނާގެ ފަތުރުވެރިންނެވެ. މި އަދަދުތަކުން ދައްކުވައިދެނީ ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއް ކަމަށް ފައިޞަލް ވިދާޅުވިއެވެ.
މި އައު އެއްބަސްވުމުގެ ސަބަބުން ޗައިނާ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ހިތްވަރެއް ލިބި، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފައިޞަލް ވިދާޅުވިއެވެ.









