ރާއްޖެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާކަމަށް ބުނެ އޮންލައިން ނޫހަކުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުުވީ މިހާތަނަށް ރާއްޖެއިން އެމްޕޮކްސްގެ އެއްވެސް ކޭސްއެއް ފެނިފައިނުވާކަމަށެވެ.
ސިއްޙަތާއި ގުޅުންހުރި މިފަދަ ނާޒުކު ކަމެއްގައި ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭގޮތަށް ޚަބަރު ފަތުރާފައިވާތީ މިމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށައަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމްޕޮކްސްއާ ދެކޮޅަށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖެއިން ދުރަލާ އަޅަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓުކުރެވޭނެ އިންތިޒާމު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ހަމަޖައްސާފައި ވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޕޮކްސްގެ ނުރައްކަލާއެކު ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ޕަބްލިކް ހެލްތު އިމަރޖެންސީ ޢިއުލާންކުރުމާއެކު ރާއްޖެއިންވެސްވަނީ ބައްޔާއި ދެކޮޅަށް ދުރާލާ ތައްޔާރުވާން ފަށާފައެވެ. އެގޮތުން ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ. އަދި ބައްޔާއި ގުޅޭގޮތުން ޞިއްހީ ޚިދުމަތްތެރިންނާއި ޢާއްމުންގެ އިތުރުން ރާއްޖޭގައި ތިބި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީން ހޭލުންތެރިކުރުވުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭންވަނީ ފަށާފައެވެ.
ދިވެހިން އާއްމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުންވެސް އެމްޕޮކްސް ފެނިފައިވާތީ ދަތުރުކުރުމުގައި އާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.









