ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ދިގު މުއްދަތަކަށް ބަހައްޓާފައިވާ އުޅަނދުފަހަރު ޓޯކުރުމާއި، އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 ޖަހާއިރު ކަމަށެވެ. މިއީ ހުޅުމާލޭގެ މަގުތަކާއި ސަރަޙައްދުތަކުގައި ހިނގާބިނގާވެ އުޅުމަށް ފަސޭހަކުރުމަށާއި، އާންމު ދިރިއުޅުމުގެ މާހައުލު އިތުރަށް ރަނގަޅުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މަސައްކަތަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.
އެޗްޑީސީން މިފަހުން ވަނީ ހުޅުމާލެ ސަހަރާ ކުރިމަތީ އޮތް 90،000 އަކަފޫޓުގެ ބިމެއް ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭނުމަށް ދޫކޮށްފައެވެ. މި ބިމުގެ 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައްފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، މާލެ ސަރަޙައްދުގައި އުޅަނދުފަހަރު ދުއްވުމާއި ބޭއްވުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.









