ބޮލީވުޑްގެ މަޝްހޫރު ލޯބީގެ ފިލްމު "ސަނަމް ތޭރީ ކަސަމް" ގެ ދެވަނަ ބައި ގެނެސްދޭނެ ކަމަށް އިއްޔެ ރަސްމީކޮށް އިޢުލާންކޮށްފިއެވެ. މި ޚަބަރު ހާމަކުރީ އެ ފިލްމުގެ ލީޑު އެކްޓަރު ހަރުޝްވަރުދަން ރާނޭ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ.
ހަރުޝްވަރުދަން މި ޚަބަރު ހިއްސާކުރީ އެ ފިލްމުގެ ޕްރޮޑިއުސަރު ދީޕަކް މުކުތުއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކުގައެވެ. އަދި ދެވަނަ ފިލްމަށް އެންމެން ވެސް އިންތިޒާރުކުރުމަށް އޭނާ ވަނީ އެދިފައެވެ. މި އިޢުލާނާ އެކު، މީޑިއާތަކުން މި ފިލްމުގެ ދެވަނަ ބައި އަންނަ ކަމަށް ރިޕޯޓުކުރާތާ ދެ އަހަރެއްހާ ދުވަސް ފަހުން މި ޚަބަރު ރަސްމީކޮށް ކަށަވަރުވެގެން ދިޔައެވެ.
2016 ވަނަ އަހަރު ރިލީޒްކުރި ފުރަތަމަ ފިލްމުގައި ހަރުޝްވަރުދަންއާއެކު ލީޑު އެކްޓްރެސްގެ ރޯލު އަދާކުރި ޕާކިސްތާނުގެ ތަރި މަވްރާ ހޮކޭން ދެވަނަ ބައިގައި ފެންނާނެކަން އަދި ކަށަވަރެއް ނުވެއެވެ. މީގެ އިތުރުން، ދެވަނަ ފިލްމުގެ ޑައިރެކްޓަރުންގެ މަޢުލޫމާތު ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
"ސަނަމް ތޭރީ ކަސަމް" ގެ ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ އެވެ. މި ފިލްމަކީ ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ފިލްމަކަށް ވިޔަސް، ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފިލްމެކެވެ. ނަމަވެސް، ސްޓްރީމިން ޕްލެޓްފޯމްތަކުގައި މި ފިލްމު ވަރަށް މަގުބޫލުވެފައިވާކަން ފާހަގަކުރެވެއެވެ.
ފިލްމުގެ ދެވަނަ ބައި އަންނަން ކަނޑައެޅިފައިވާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފިލްމުގެ ފުރަތަމަ ބައިގެ މަގުބޫލުކަމަށް ބަލާއިރު، ގިނަ ބެލުންތެރިން މި ފިލްމުގެ ދެވަނަ ބަޔަށް ވެސް ބޮޑަށް އިންތިޒާރުކުރާނެ ކަމަށް ލަފާކުރެވެއެވެ.









