ދެކުނު އިންޑިއާ ސިނަމާގެ މަޝްހޫރު އެކްޓަރު އެންޓީއާރު ޖޫނިއާއާ އެކު، ބޮލީވުޑްގެ ތަރިން ކަމުގައިވާ ޖާންވީ ކަޕޫރާއި ސައިފް އަލީ ހާން ކުޅޭ ފުރަތަމަ ތެލުގޫ ފިލްމު "ދޭވަރާ"ގެ ޓްރެއިލާ ވަނީ ނެރެފައެވެ.
މި މަހުގެ 27 ވަނަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ ވަނީ ހަތަރު ބަހަކުން ނެރެފައެވެ. އެއީ ތެލުގޫ، ހިންދީ، މަލަޔާލަމް އަދި ތަމަޅަ ބަހުންނެވެ. ދެ މިނެޓާއި 40 ސިކުންތުގެ މި ޓްރެއިލާގައި އެކްޝަންގެ ވަރުގަދަ މަންޒަރުތަކެއް ފެންނަން ހުރިކަން ފާހަގަކުރެވެއެވެ. އަދި މި ފިލްމުގައި ވިލަންގެ ރޯލު ކުޅޭ ސައިފް އަލީ ހާންގެ ގިނަ މަންޒަރުތަކެއް ވެސް ޓްރެއިލާގައި ފެނިގެންދެއެވެ.
"ދޭވަރާ"ގެ ޑައިރެކްޓަރު ކޮރަތަލާ ސިވާ ވަނީ މި ފިލްމު ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެންކަން ކުރިން އިއުލާންކޮށްފައެވެ. ފިލްމުތައް ދެ ބަޔަކަށް ބަހާލައިގެން ގެނެސްދިނުމަކީ ދެކުނު އިންޑިއާގެ ސިނަމާގައި މިހާރު ވަރަށް އާންމުކަމެކެވެ.
މި ފިލްމަކީ ވީއެފްއެކްސްއަށް ވެސް ބޮޑު ހަރަދެއް ކުރާ، އާންމުކޮށް އިންޑިއާގައި ހަދާ ފިލްމުތަކާ އަޅާބަލާއިރު ބަޖެޓް ވަރަށް ބޮޑު ފިލްމެކެވެ. މި ފިލްމުގެ ބަޖެޓަކީ 300 ކްރޯޑް ރުޕީސް (36 މިލިއަން ޑޮލަރު) އެވެ. އެހެންކަމުން، މިއީ މި އަހަރު ގެނެސްދޭ އެންމެ އަގުބޮޑު އެއް ފިލްމެވެ.
އެންޓީއާރު ޖޫނިއާ، ޖާންވީ ކަޕޫރް އަދި ސައިފް އަލީ ހާންގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުގައި ފެނިގެންދާނީ ޕްރަކާޝް ރާޖް، ޖިޝޫ ސެންގުޕްތާ، ސްރީކާންތު، ޓޮމް ޗަކޯ، ނަރީން އަދި މުރާލީ ޝަރްމާ ފަދަ ތަރިންނެވެ.









