ރ. އަތޮޅު މަޑުއްވަރީ ކައުންސިލުން ހިންގަމުން އައި އައިސް ޕްލާންޓު މިއަދު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް ބަދަލުކޮށްފިއެވެ.
މި ބަދަލާއި ގުޅިގެން، މިފްކޯގެ ފަރާތުން ސީއެފްއޯ އިލްޔާސް ހަނީފް އަދި މަޑުއްވަރީ ކައުންސިލްގެ ފަރާތުން ރައީސް މުހައްމަދު ސޯދިގު އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ މަޑުއްވަރީގައެވެ.
މިކަމާގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ، މިހާރު އައިސް ޕްލާންޓު ބަލަހައްޓަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އިންޖިނިއަރުންނެވެ.
"މި ފެށި ހިދުމަތާއެކު 750 ރުފިޔާގެ ރޭޓުން މަސްވެރީންނަށް އައިސް ޓަނެއް ފޯރުކޮށްދެވޭނެ. މިއީ 25 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓެއް. އަދި 50 ޓަނުގެ އައިސްގެ ސްޓޮކެއް މެއިންޓެއިން ކުރެވޭނެ. މަސްވެރީންނަށް ލުއިފަސޭހަ ގޮތްތައް ކުރިއަށް އޮތް ތަނުގައިވެސް ހޯދުމުގައި މިފްކޯ ދެމި އޮންނާނެ." މުއާޒު ވިދާޅުވިއެވެ.
މަޑުއްވަރީ އައިސް ޕްލާންޓަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު ޚިދުމަތް ދޭން ފެށި ތަނެކެވެ. މި ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކުރެވުމުން، ރަށުގެ މަސްވެރިންނަށާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
ކައުންސިލް ފަރާތުން ވާހަކަ ދައްކަވަމުން ސޯދިގު ވިދާޅުވީ މިހާރު އޮޕަރޭޝަން ކުރިއަށް ގެންދެވޭނެކަމާއި މިފްކޯގެ ކޭޝިއަރަކާއި ޓެކްނީޝަނުން އެބަތިބިކަމަށް އަދި މަސްވެރީންނަށް އަގުހެޔޮކޮށް އައިސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލާ ގުޅިގެން، މުހިންމު ވަސީލަތްތައް ޤައުމީ ފެންވަރުގައި ހިންގާ ކުންފުންޏެއްގެ ދަށަށް ގެނައުމަކީ އެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުންޏެވެ.









