ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ ހަށިގަނޑު ވަޅުލައިފިއެވެ.
އިތުރު ތަހުލީލުތައް ކުރުމަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ.
ޒަކިއްޔާގެ ހަށިގަނޑުން ފެނުނު ޒަހަމްތަކާއި ގުޅިގެން އޭނާގެ ހަށިގަނޑުގެ ތަހުލީލު ހަދަން ސާމްޕަލް ނެގުމަށް ފަހު މިއަދު ހެނދުނު ވަނީ އަނބުރާ ރަށަށް ގެންގޮސްފައެވެ. އަދި މެންދުރު ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ އެރަށު ސަހަރާގައި ވަޅުލާފައެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެގެން ވެއްޓިފައި އޮތްއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށާއި ކަރުގައި ވަޅި އަޅާފައިވާ ކަމުގެ ނިޝާންތައް ހުރިކަމަށް ހަބަރު ލިބެއެވެ.
މި ޙާދިސާއާ ގުޅިގެން ފުލުހުންގެ ޚާއްސަ ތަހުޤީޤީ ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައިވަނީ ގޭގެ ކުނި ނަގަން ގޭތެރެއަށް ވަން ބިދޭސީންތަކަކަށެވެ. އޭރު އޭނަ ވެއްޓިފައި އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިއަށެވެ.
ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިންވެސް ތިބެއެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ފުލުހުން ވަނީ ފަށާފައެވެ. ފުލުހުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.









