ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން 16 ބިމެއް ވިއްކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި ޢިއުލާނުގައި ބުނީ ބީޗް ފްރޮންޓުން ވިއްކަނީ 1096 އަކަފޫޓާއި 3252 އަކަފޫޓާއި ދެމެދުގެ ބިން ކަމަށެވެ. އަދި އެތަންތަން ވިއްކަނީ އަކަފޫޓެއް 4500ރ. އަށް ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން ބީޗް ފްރޮންޓުން ވިއްކާ ގޯތީގެ އަގު އުޅެނީ 4.9 މިލިއަން ރުފިޔާ އާއި 14.6 މިލިއަން ރުފިޔާއާ ދެމެދުގައެވެ.
1441 އަކަފޫޓާއި 3380 އަކަފޫޓުގެ ބިން ބީޗު ސައިޑުން ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓެއް 4000ރ. އަށެވެ. އެތަންތަނުގެ އަގު އުޅެނީ 5.8 މިލިއަން ރުފިޔާ އާއި 13.5 މިލިއަން ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.
އެޗްޑީސީން ބުނީ މި ބިންތައް ވިއްކާނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އެގޮތުން އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބީލަމަށް ކުރިމަތިލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ޙިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ބިން ވިއްކާނީ ދެ މަރުޙަލާއަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ އޮންނާނީ އެކްސްޕްރެޝަން އޮފް އިންޓަރެސް (އީއޯއީ) ހުށަހެޅުން ކަމަށެވެ. އަދި ގަންނަން ހުށަހަޅާފައިވާ ބިމެއް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އީއޯއީ ހުށަހަޅާފައިވާނަމަ ދެން އޮންނާނީ ބީލަން ހުށަހެޅުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މި ބިންތަކާ ގުޅޭ މަޢުލޫމާތު އެ ކޯޕަރޭޝަނާ ގުޅައިގެން ހޯދޭނެ ކަމަށެވެ.









