ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2024 ވަނަ އަހަރުގެ ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ.
ބީއެމްއެލްއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ޕްރޮގްރާމްގެ މަޤްޞަދަކީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވާ ދަރިވަރުންނާއި އަލަށް ދަސްވެނިވާ ފަރާތްތަކަށް މަސައްކަތުގެ މައިދާނުގައި ތަޖުރިބާ ހޯދައިދިނުމެވެ. މީގެ އިތުރުން، ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން މުއައްސަސާއެއްގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުޞަތު ވެސް މި ޕްރޮގްރާމްގެ ސަބަބުން ހުޅުވިގެންދާނެއެވެ.
އިންޓަރންޝިޕްގެ މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކި ބިޒްނަސް ޔުނިޓްތަކާއި، ޑިޕާޓްމަންޓްތަކާއި އަދި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ބައިވެރިންގެ މަސައްކަތުގެ ހުނަރާއި ތަޖުރިބާ އިތުރުވެގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. އަދި މީގެ އިތުރުން ރަމަޟާން މަހުގެ ބޯނަހާއި އަހަރީ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ދުވަސްތަކެއް ވެސް ލިބިގެންދާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން https://careers.bankofmaldives.com.mv އަށް ވަދެ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.









