ހުރިހާ ޙާފިޡުންނަށް ޤައުމީ އިނާމު ދިނުމަށް ސަރުކާރުން ނިންމައިފި

އާނާ ފަހީމް | 445 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2024 15:50
ޚުލާސާ

ޤައުމީ އިނާމު ދޭއިރު ހާފިޒުންގެ ދަރަޖައަކަށް ނުބަލާނެ.. މީގެ ކުރިން ޤައުމީ އިނާމް ދެމުން އައީ ހަމައެކަނި 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް. މިއަހަރު 25 ޙާފިޡަކަށް މި އިނާމް ލިބޭނެ، މި އިނާމް ދޭނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވާ ޖަލްސާގަ

ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުކަން ޙާޞިލްކުރާ ހުރިހާ ފަރާތްތަކަށްވެސް ޤައުމީ އިނާމް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ އެކި ދަރަޖަތަކުގައި ޙާފިޡުކަން ޙާޞިލްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕީއެސްއެމް ގައި ވިދާޅުވީ މީގެ ކުރިން ޤައުމީ އިނާމް ދެމުން އައީ ހަމައެކަނި 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށެވެ. ނަމަވެސް މިހާރު ކޮންމެ ދަރަޖައެއްގައި ފާސްވި ނަމަވެސް، ޙާފިޡުންނަށް ޤައުމީ އިނާމް ދިނުމަށް ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޙާފިޡުންނަށް ޤައުމީ އިނާމްގެ ގޮތުގައި ދެނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑައްޔެކެވެ. މި މެޑައްޔާއި އެކު ޤައުމީ އިނާމް ދޭނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާ ޖަލްސާގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަހަރު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިއަހަރު 25 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް ލިބޭނެ ކަމަށެވެ. އަދި ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދީ، ގިނަ ޙާފިޡުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް ދެއްވަން ފެށީ ކުރީގެ ރައީސް، މަޢުމޫން ޢަބްދުލްޤައްޔޫމްގެ ދައުރުގައެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި މި މެޑައްޔަކީ ހަމައެކަނި 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ދޭ އެއްޗެއްގެ ގޮތުގައި ބަދަލުކުރެވުނެވެ. މިހާރު އަލުން ހުރިހާ ދަރަޖައެއްގެ ޙާފިޡުންނަށް މި މެޑެލް ދިނުމަށް ނިންމާފައިވާކަމީ ގިނަ ފަރާތްތަކުން މަރުޙަބާ ކިޔާފައިވާ ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%