ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ އިތުރު ތަހުލީލުތައް ކުރުމަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެގެން ވެއްޓިފައި އޮތްއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށާއި ކަރުގައި ވަޅި އަޅާފައިވާ ކަމުގެ ނިޝާންތައް ހުރިކަމަށް ހަބަރު ލިބެއެވެ.
ފުލުހުން ބުނެފައިވަނީ ހޮޅުދޫ ގެއެއްގައި ޒަޚަމްތަކަކާއެކު މަރުވެފައި އަންހެނަކު އޮތްކަމަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑްވެ ރަށު ހެލްތް ސެންޓަރަށް އެމީހާ ގެންގޮސްފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
މި ޙާދިސާއާ ގުޅިގެން ފުލުހުންގެ ޚާއްސަ ތަހުޤީޤީ ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައިވަނީ ގޭގެ ކުނި ނަގަން ގޭތެރެއަށް ވަން ބިދޭސީންތަކަކަށެވެ. އޭރު އޭނަ ވެއްޓިފައި އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިއަށެވެ.
ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިންވެސް ތިބެއެވެ.
ފުލުހުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.









