ސަރުކާރުން ދެމުންދާ ސަބްސިޑީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިހާރު ކުރަމުންދަަ އިދާރީ މަސައްކަތް ނިމި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކަރަންޓާއި ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދިނުމުގެ އާ އުސޫލުތައް އިއުލާންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ހީނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހައްޤުވެރިންނަށް ސަބްސިޑީސް އޭގެ އެންމެ ފުރިހަމަޔަށް ލިބުން ކަމަށާ މިހާރު ރާއްޖޭގައި އޮތް ސަބްސިޑީ އުސޫލުގެ ސަބަބުން އެކަމުގެ ފައިސާ ހައްޤުނޫން ފަރާތްތަކަށްވެސް ލިބެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހޭ ކަމަށް ހީނާ ފާހަގަ ކުރެއްވި އެވެ.
“މިކަމާ ގުޅޭ އިދާރީ އަދި ދިރާސާގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އައު ގަވާއިދު ފައިނަލް ވުމާއެކު އަޕްޑޭޓް ކުރެވިފައިވާ މައުލޫމާތު ހުރިހާ ފަރާތްތަކާ ހިއްސާ ކުރާނަން. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ވާނެ ކަމަށް ލަފާކުރަން” ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވި ގޮތުުގައި ސަބްސިޑީ ދިނުމުގެ އާއު އުސޫލު ނިމުމުން، އާސަންދަ އާއި އެހެނިހެން އެކިއެކި ސަބްސިޑީތައް ހިމެނޭ ގޮތަށް މިހާރު ހިންގާ ސަބްސިޑީ ޕްރޮގްރާމްތައް ބައްޓަންވެގެންދާނީ ހައްޤުވެރިންނަށް އޭގެ ފައިދާ ލިބޭގޮތަށް ކަމަށާއި، އާސަންދަ ހިދުމަތްވެސް ރިފޯމް ކުރެވި އޭގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް ލިބޭނެ ނިޒާމެއް ޤާއިމްވެގެންދާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ މިއީ އެއްވެސް ސަރުކާރަކަޤ މިހާތަނަށް ކުރެވުނު ކަމެއް ނޫނެވެ. ނަމަވެސް، ރާއްޖޭގެ ސަބްސިޑީސް ނިޒާމް ހަރުދަނާ ކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިކަން ރިފޯމް ކުރެވި ދައުލަތުގެ ބަޖެޓަށް ސަބްސިޑީގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ލިބެމުންދާ ގެއްލުން ހުއްޓުވޭނެއެވެ.






