ސަބްސިޑީގެ ހަރަދު 19 ޕަސެންޓު ދަށް ވެއްޖެކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މި އަހަރުގެ ފުރަތަމަ 26 ހަފްތާ ނިމުނު އިރު ބަޖެޓުން ސަބްސިޑީއަށް ހަރަދުޖޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ. އެއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19 ޕަސެންޓު ދަށެވެ.
މާލީ ވުޒާރާއިން ނެރުނު "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން ގްރާންޓް ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި ޖުމްލަ 4.9 ބިލިޔަން ރުފިޔާ ޙހރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 5.2 ބިލިޔަން ރުފިޔާއެވެ.
ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީއަށް ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު މީގެތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 1.6 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ދައުލަތުން ހަރަދުކޮށްފައިވަނީ 2.1 ބިލިޔަން ރުފިޔާއެވެ.
ސަބްސިޑީއަށް ކޮށްފައިވާ ހަރަދު ދަށްވެފައިވީނަމަވެސް އާސަންދައަށް ކޮށްފައިވާ ހަރަދު ވަނީ އިތުރުވެފައެވެ. މިގޮތުން އަހަރުގެ މިހާތަނަށް އާސަންދައަށް އެއް ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މިއީ %9.9 އިތުރު އަދަދެކެވެ.






