ޤައުމީ ދިގު ފެތުމުގެ 15 ވަނަ މުބާރާތުގައި ބައިވެރިވެވޭ މުއްދަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާވައި ހިންގާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހު ކުޑަގިރި ޕިކްނިކް އައިލެންޑުގައެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް ފުރަން ޖެހޭ އޮންލައިން ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި ސުންގަޑީގެ ކުރިން ހުށަހެޅުމަށް ސްވިމިންގ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އޮންލައިން ފޯމުގެ ލިންކު އެ އެސޯސިއޭޝަންގެ ވެބްސައިޓު swimming.org.mv އިން ލިބޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ހަތަރު ކެޓަގަރީއަކަށް މުބާރާތް ބެހިފައިވާއިރު، އެ ހަތަރު ކެޓަގަރީގައި ތަފާތު 4 ދިގުމިނުގެ ރޭސްތައް އޮންނާނެއެވެ.
މި މުބާރާތުގައި ހޮވޭނެ ވަނަތަކާއި މަޤާމުތަކަކީ:
- "ޤައުމީ ދިގުފެތުމުގެ ޗެމްޕިއަން 2024" 5 ކިލޯމީޓަރަށް ހޮވޭނީ، ނޭޝަނަލް ޗެމްޕިއަންޝިޕް ކެޓަގަރީގެ އެއްވަނަ ދިވެހި ފިރިހެން އަދި އަންހެން ފެތުންތެރިއެއް.
- ނެޝަނަލް 2 ވަނަ އަދި 3 ވަނަ (ދެޖިންސް ވަކިން).
- "ޤައުމީ ޖޫނިއަރ ދިގުފެތުމުގެ ޗެމްޕިއަން 2024" 3 ކިލޯމީޓަރަށް ހޮވޭނީ ޖޫނިއަރ ނެޝަނަލް ޗެމްޕިއަންޝިޕް ކެޓަގަރީގެ އެއްވަނަ ދިވެހި އަންހެން އަދި ފިރިހެން ފެތުންތެރިއެއް.
- ޖޫނިއަރ ނެޝަނަލް 2 ވަނަ އަދި 3 ވަނަ (ދެޖިންސް ވަކިން).
- ސްވިމް ޗެލެންޖް 1،2،3 ވަނަ (ދެޖިންސް ވަކިން).
- ކިޑްސް ސްވިމް ޗެލެންޖު ނިންމާ ކޮންމެ ބައިވެރިއެއް.
މި މުބާރާތުގައި ފައިސާގެ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ:
- ނެޝަނަލް ޗެމްޕިއަން 5000ރ.
- ނެޝަނަލް ރަނާސްއަޕް 3000ރ.
- ނެޝަނަލް ސެކަންޑް ރަނާސްއަޕް 2000ރ.
- ނެޝަނަލް ޖޫނިއަރ ޗެމްޕިއަން 3000ރ.
- ނެޝަނަލް ޖޫނިއަރ ރަނާސްއަޕް 1500ރ.
- ނެޝަނަލް ޖޫނިއަރ ސެކަންޑް ރަނާސްއަޕް 1000ރ.
ސްވިމިންގ އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ވަނަތައް ހޮވައި މެޑެލް އަދި ފައިސާގެ އިނާމު ދޭނީ ދެޖިންސް ވަކިން ކަމަށެވެ.






