ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސުލްތާނާ ޝާކިރު އައްޔަންކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އެ މަޤާމަށް ސުލްތާނާ އައްޔަންކޮށްފައިވަނީ ބަންޑާރަނައިބުގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހް އެވެ.
އެ ރަސްމިއްޔާތުގައި ބަންޑާރަނައިބު އަހުމަދު އުޝާމާއި، އެ އޮފީހުގެ އިސްވެރިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ސުލްތާނާއަކީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއިން ބެޗެލާ އޮފް ސޯޝަލް ސައިންސަސް ފުރިހަމަކުރައްވައި، މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލަޔާއިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ސުލްތާނާ ވަނީ ސަރުކާރުގެ އިދާރާތަކާއި، ޖުޑިޝަރީގައާއި، އަމިއްލަ ޖަމިއްޔާތަކުގެ ހިންގުމުގެ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައެވެ. އެގޮތުން 2012 އިން 2019 ވަނަ އަހަރާ ހަމައަށްވެސް ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމު އޭނާ ވަނީ އަދާކުރައްވާފައެވެ.
ސުލްތާނާ އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ ކަމުގެ މަޤާމުގައެވެ.