ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓާ ގުޅިގެން ސަރުކާރުން އަމަލުކުރަމުންދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިކަން ހާމަކުރީ މި ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ހިޔާލު ހޯދުމުގެ އާންމު ވޯޓާއި އެ ވޯޓު ނެގުމަށް ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތަކާ ގުޅޭގޮތުން އާންމުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު ކުރިއަށް ގެންދަން ނިންމާފައިވާ މި ވޯޓަކީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ ވޯޓެކެވެ.
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ މައިގަނޑު ދެ މަގުސަދެއް އޮތްކަން އޭޖީ އޮފީހުން ފާހަގަކުރެ އެވެ. އެއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާއި، އެކަމަށް މަގުފަހިކުރުމަށްޓަކައި މަޖިލީހުގެ ދައުރު ފެށޭ ތާރީހަށް ބަދަލު ގެނެސް، މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު ފަސް އަހަރަށް ވުރެ ކުރުކުރުމެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ބަދަލު ގެންނާތީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން މި ބިލު ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް ރުހުން ލިބިގެންނެވެ. މިއީ ރައްޔިތުންގެ ބަހެއް ނެތި ސަރުކާރަށް ނިންމޭނެ ކަމެއް ނޫން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
"އާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން އެކަން ކަނޑައަޅަންވާނެ،" ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ. އެ ގަރާރުގައި ވޯޓަށް އަހާ ސުވާލުގެ ފުރިހަމަ އިބާރާތާއި، ވޯޓު ނަގާ ސަބަބު އަދި މުއްދަތު ހިމަނަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މި ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމަވާފަ އެވެ. ސަރުކާރުން ބުނަމުންދަނީ މި ބަދަލަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އިންތިހާބީ ނިޒާމު ހަރުދަނާކުރުމަށް ގެންނަ ބަދަލެއް ކަމަށެވެ.









