މާލޭ ސޯސަން މަގުގައި ހުންނަ "ގާމަގު ކެފޭ" ގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން އެ ގެ ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވުޒާރާއިން ބުނީ އިއްޔެ އަލިފާނުގެ ޙާދިސާ ހިނގި ކެފޭ ހުރި ހ. ނޫހިމެރިގެ ތަޅާލުމުގެ މަސައްކަތް އެ ވުޒާރާގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން މިއަދު ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިންމޭނެ ވަކި ތާރީޚެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ ހިނގި މި އަލިފާނުގެ ޙާދިސާއާ ގުޅިގެން 57 މީހުން ޙާލުގައި ޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީންނެވެ. މީގެ ތެރޭގައި ގިނައީ ކުއްޔަށް އުޅޭ މީހުން ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮޓޮރިޓީ (އެންޑިއެމްއޭ) އިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ ރޯވި ގެއާއި ޖެހިގެން ހުރި ރީފްވިއު އާއި ސައުތު އެންޑް ގެއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށާއި މި ޙާދިސާގައި އަސަރު ކުރި ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި ކެއުންބުއިމުގެ ޚަރަދުތަކަށް ދެ ލައްކައެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯވި އިމާރާތަކީ ތިން ފަންގިފިލާއަށް ހަދާފައިވާ އިމާރާތެއް ކަމަށާއި، އިމާރާތުގެ ތިރީގައި ކެފޭ ހުރިއިރު މަތީގައި ހުރި ދެ ފަންގިފިލާ ހަދާފައިވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ނުވި ނަމަވެސް ދުމުގެ އަސަރުކޮށްގެން ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.









