މާލޭ ސޯސަން މަގުގައި ހުންނަ "ގާމަގު ކެފޭ" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޙާލުގައި ޖެހުނު މީހުންނަށް ދެ ލައްކައެއްހާ ރުފިޔާ ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އިއްޔެ ހިނގި މި އަލިފާނުގެ ޙާދިސާއާ ގުޅިގެން 57 މީހުން ޙާލުގައި ޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީންނެވެ. މީގެ ތެރޭގައި ގިނައީ ކުއްޔަށް އުޅޭ މީހުން ކަމަށް އެންޑިއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ ރޯވި ގެއާއި ޖެހިގެން ހުރި ރީފްވިއު އާއި ސައުތު އެންޑް ގެއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށާއި މި ޙާދިސާގައި އަސަރު ކުރި ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި ކެއުންބުއިމުގެ ޚަރަދުތަކަށް ދެ ލައްކައެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯވި އިމާރާތަކީ ތިން ފަންގިފިލާއަށް ހަދާފައިވާ އިމާރާތެއް ކަމަށާއި، އިމާރާތުގެ ތިރީގައި ކެފޭ ހުރިއިރު މަތީގައި ހުރި ދެ ފަންގިފިލާ ހަދާފައިވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ނުވި ނަމަވެސް ދުމުގެ އަސަރުކޮށްގެން ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.









