ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަހަމްތަކަކާއެކު ފެނުނު އަންހެނަކު މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހޮޅުދޫ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތްކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑްވެ ރަށު ހެލްތް ސެންޓަރަށް އެމީހާ ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެރަށު ހެލްތު ސެންޓަރުން، އެމީހާ ނިޔާވެފައިވާ ކަމަށް ވަނީ ބުނެފައެވެ. ޒަކިއްޔާ މޫސާ މަނިކު ކިޔާ އެ އަންހެންމީހާ އަކީ 50 އަހަރުގެ މީހެކެވެ. އޭނާ ވެއްޓިފައި އޮތްއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށާއި ކަރުގައި ވަޅި އަޅާފައިވާ ކަމުގެ ނިޝާންތައް ހުރިކަމަށް ހަބަރު ލިބެއެވެ.
ފުލުހުން ބުނީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ.
ފުލުހުންގެ ޚާއްސަ ތަހުޤީޤީ ޓީމެއް އެރަށަށް މިހާރު ދަތުރުކުރަމުން އަންނަ އިރު، ފޮރެންސިކް ޓީމެއް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައިވަނީ ގޭގެ ކުނި ނަގަން ގޭތެރެއަށް ވަން ބިދޭސީންތަކަކަށެވެ. އޭރު އޭނަ ވެއްޓިފައި އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިއަށެވެ.
ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިންވެސް ތިބެއެވެ.
ފުލުހުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.









