2024 ވަނަ އަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަލުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.
މިއަހަރުގެ އެވޯޑުގައި 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.
ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ 14:00 އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް ވެސް މި ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ. އެގޮތުން، ރަށްރަށުން އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އީމެއިލް އެޑްރެސް ޚާއްޞަކޮށްފައިވާ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މި އެވޯޑަކީ ޒުވާނުންގެ ހުނަރާއި ޤާބިލުކަން ފާހަގަކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ވަޒަންކުރުމަށް ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑުގެ ސަބަބުން ޒުވާނުންގެ މެދުގައި ހެޔޮ ވާދަވެރިކަން އުފެދި، އިތުރު ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވާނެ ކަމަށް ވުޒާރާއިން އުންމީދުކުރެއެވެ.