ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނީ އެންމެ އުސްވެގެން 6 ބުރިއަށް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަޖައްސައިފިއެވެ.
މިކަން އެޗްޑީސީން ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އާންމުކުރި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ އުސޫލުގައި ހާމަކޮށްފައެވެ.
އާ އުސޫލުގެ ދަށުން، އިމާރާތުގެ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އިމާރާތުގެ އުސްމިން 16.5 މީޓަރަށްވުރެ އުސްނަމަ، ލިފްޓް ހަރުކުރުން ލާޒިމުކޮށްފައިވެއެވެ. މީގެ އިތުރުން، ޓެރަސް ލާ ނަމަވެސް އިމާރާތުގެ އުސްމިން 18.5 މީޓަރަށްވުރެ އުސްވެގެން ނުވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް، މިހާރު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާ ގުޅިގެން، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ 1,000 އެއްހާ ފަރާތްތަކަށް އަސަރުކުރާނެއެވެ.
މިހާތަނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޯތިތަކުގައި އެއްވެސް ފަރާތަކުން އިމާރާތްކުރަން ފަށާފައެއް ނުވެއެވެ. މި ބަދަލު ގެނެސްފައިވަނީ އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ކަމަށްވާތީ، ގޯތި ލިބިފައިވާ ފަރާތްތަކުން އާ އުސޫލާ އެއްގޮތަށް ޕްލޭން ތައްޔާރުކުރަން ޖެހޭނެކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.









