މިއަދު މާލޭ ސޯސަން މަގުގައި ހުންނަ "ގާމަގު ކެފޭ" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހުން ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދީފިއެވެ.
އެންޑީއެމްއޭ އިން ބުނި ގޮތުގައި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީންނެވެ. މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށާއި، މި ފަރާތްތަކަކީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ކަމަށް އެންޑީއެމްއޭ އިން ހާމަކުރިއެވެ.
އަލިފާން ރޯވި އިމާރާތަކީ ތިން ފަންގިފިލާއަށް ހަދާފައިވާ އިމާރާތެއް ކަމަށާއި، އިމާރާތުގެ ތިރީގައި ކެފޭ ހުރިއިރު މަތީގައި ހުރި ދެ ފަންގިފިލާ ހަދާފައިވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ދެ މީހަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ބިދޭސީ އަންހެނަކާއި 48 އަހަރުގެ ދިވެހި އަންހެނެކެވެ. ބިދޭސީ އަންހެން މީހާ ދޫކޮށްލާފައިވާއިރު، ދިވެހި އަންހެން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ކަމާ ބެހޭ ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.
އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.









