އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާފިޒުން ޢުމްރާއަށް ފޮނުވުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، ޢުމްރާއަށް ފޮނުވޭ ދެވަނަ ހާފިޒަކަށް ޅ. ނައިފަރު ބަށިމާގެ، އަލްޙާފިޡް އާސިރު އާރިފް ޔޫސުފް ހަމަޖައްސައިފިއެވެ.
މި ޚަބަރު އިޢުލާންކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
މި މަޝްރޫޢުގެ ދަށުން ޢުމްރާއަށް ފޮނުވުނު ފުރަތަމަ ހާފިޒަކީ އަލްޙާފިޒް އަލީ ރައީފެވެ. ރަޢީފަށް ވަނީ މިހާރު މިކަމުގެ ލިޔުން ވެސް އަރުވާފައެވެ.
ޤުރުއާން ހިތުދަސް ކުރާ ހާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެށުމަށް ނިންމާފައިވާކަން ވަޒީރު އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ހިތްވަރުދިނުމެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުއަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ އެހީތެރިކަމުގެ ތެރެއިންނެވެ. އަދި މިފަދަ ކަންކަމުގައި މުޖުތަމަޢުގެ ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށާއި ޤުރުއާން ހިތުދަސްކުރާ ޖީލެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ޤުރުއާން ހިތުދަސްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް އިތުރުވެ، ރާއްޖޭގައި ޤުރުއާނީ ޢިލްމު ފެތުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.









