ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަޑުކޯން ވިހެއުމާ ގުޅިގެން، ހުވަދޫ އަތޮޅުގެ ކުޅަދާނާ ޓިކްޓޮކް ކުޅުންތެރިޔާ ނައުފަލް ނަސީމު ވަނީ އަޅިބޮނޑި އާއި ހިލިބޭސް ތައްޔާރުކުރުމުގައި އަވަދިނެތި މަސައްކަތް ކޮށްފައެވެ.
ނައުފަލް މިފަހަރު އާންމުންނަށް ދޫކޮށްލި ވީޑިއޯގައި ފެންނަނީ އޭނާ ވަރަށް ބުރަކޮށް މަސައްކަތްކުރާ މަންޒަރެވެ. އޭނާގެ ރައްޓެއްސަކު އައިސް އެކަމާ ސުވާލު ކުރުމުން، ނައުފަލް ބުނެފައިވަނީ ދިޕިކާ ވިހައިގެން އުޅޭ ޚަބަރު ލިބުމާއެކު އަޅިބޮނޑި އާއި ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ.
"އަހަރެން މިހާރު މިއުޅެނީ ދިޕިކާއަށް އަޅިބޮނޑި އާއި ހިލިބޭސް ތައްޔާރުކޮށް، ތަރަފަނަ އަދި ބޮނޑިބަތް ބަހަން," ނައުފަލް ބުންޏެވެ.
ނައުފަލްގެ ހީކުރުމުގައި، ދިޕިކާ ވިހައިގެން އޮތީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، އޭނާގެ ރަހުމަތްތެރިޔާ ވަނީ ދިޕިކާ ވިހައިގެން އޮތީ މުމްބާއީގެ ހޮސްޕިޓަލެއްގައި ކަމަށާއި، ނައުފަލް ހަދާ ބޭހާއި އަޅިބޮނޑި އަދި ތަރަފަނަ ދިޕިކާއަށް ފޮނުވޭނެ ގޮތެއް ނެތް ކަމަށް ބުނެފައެވެ. މި ޚަބަރުން ނައުފަލް ވަރަށް ދެރަވިއެވެ. "އަހަރެން މިހާ ބުރަކޮށް މަސައްކަތް ކުރީ ދިޕިކާއަށް މި ތަކެތި ފޮނުވަން. އެކަމަކު މިހާރު އެކަން ނުވާނެކަން އެނގުނީމަ ވަރަށް ދެރަވޭ." ނައުފަލް ބުންޏެވެ.
ނަމަވެސް، ނައުފަލްގެ އެހެން ވީޑިއޯތަކެކޭ އެއްގޮތަށް، މިވީ ދެ ދުވަހު ދިޕިކާއަށް ތަރަފަނި ލާ ވީޑިއޯ ވެސް ވަނީ ވައިރަލްވެފައެވެ. މި ވީޑިއޯ މިހާރު ވަނީ ގިނަ ބަޔަކު ބަލައި، ޝެއަރކޮށްފައެވެ. ދިޕިކާ އާއި ރަންވީރު ސިންގްއަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މި ޚަބަރު ވަނީ ބޮލީވުޑްގެ ފޭނުންގެ މެދުގައި ވަރަށް ބޮޑު އުފަލަކަށް ވެފައެވެ.









