ހުޅުމާލޭގައި އިތުރުވަމުންދާ ވެހިކަލްތަކުގެ ސަބަބުން ދިމާވެފައިވާ ޕާކިންގގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮތް 90,000 އަކަފޫޓުގެ ހުސްބިން ވެހިކަލް ޕާކުކުރުމަށް ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން، އެ ބިމުގެ 50,000 އަކަފޫޓު ޓެކްސީއާއި އާންމު ވެހިކަލްތަކަށް ޚާއްޞަކުރެވޭއިރު، 40,000 އަކަފޫޓު ފުލުހުން ޓޯކުރާ ވެހިކަލްތަކަށް ޚާއްޞަކުރެވޭނެކަމަށް ޓްރާސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވިއެވެ. އެގޮތުން މިއީ ހުޅުމާލޭގައި ދާއިމީ ޕާކިންގ އިމާރާތްތައް އެޅެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ހަމަޖެއްސޭ އިންތިޒާމެއް ކަމަށް އަމީން ވިދާޅުވެފައިވެއެވެ.
"އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި މިތަނުގައި ޕާކު ކުރަން ފުރުސަތު ލިބިގެންދާނެ،" އަމީން ވިދާޅުވިއެވެ.
ހުޅުމާލޭގެ ޕާކިންގ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ 4,000 ޔުނިޓުގެ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މި ނިންމުމަކީ ހުޅުމާލޭގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވަމުން ދިއުމާއެކު، ޕާކިންގގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އަމީން ވިދާޅުވިއެވެ. އަދި މި އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރެވިފައި ހުންނަ ވެހިކަލްތަކުގެ އަދަދު މަދުވެ، ދަތުރުފަތުރު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.









