ބަންކަރިންގ ޚިދުމަތް ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް މާހިރުން ލަފާކޮށްފިއެވެ.
ދިވެހިރާއްޖޭގައި މި މަހު ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ބަންކަރިންގ ޚިދުމަތަކީ ޤައުމަށް މުހިންމު އާމްދަނީއެއް ލިބި، އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދައިދޭނެ ކަމެއް ކަމުގައި ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ މާހިރުން ވަނީ ފާހަގަކޮށްފައެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދެ އުޅަނދެއް ބޭނުންކުރެވޭއިރު، މިހާރު އޭގެ ތެރެއިން އެއް އުޅަނދު ދިވެހިރާއްޖެއަށް ވަނީ ގެނެސްފައެވެ. މި އުޅަނދަކީ 4000 ޓަނުގެ ތެލުގެ ޖާގަ ލިބިފައިވާ އުޅަނދެކެވެ. މި ވަގުތު އެ އުޅަނދު ވަނީ ކުޅުދުއްފުށި ސިޓީގެ ބަނދަރުގައި އައްސާފައެވެ. ދެވަނަ އުޅަނދު ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަމަށް އެސްޓީއޯއިން ވަނީ މަޢުލޫމާތުދީފައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކުރީގެ ޗެއަރމަން މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ މި ދާއިރާއިން ދިވެހިރާއްޖެއަށް ގިނަގުނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން މިއީ ދިވެހިރާއްޖެއަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެސްޓީއޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ސައީދު ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ޙާލަތުގައި އުޅަނދުފަހަރު ދަތުރުކުރާ މަގުތަކުގެ ސަބަބުން ތެޔޮ އެޅުމުގެ ބޭނުން އިތުރުވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ނަފާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
ބަންކަރިންގ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުކުރެވޭނީ އިހަވަންދިއްޕޮޅުގައެވެ. މި ޚިދުމަތް ފެށުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، އާމްދަނީ އިތުރުކުރެވޭނެ އައު މަގުތައް ހޯދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ބައެކެވެ. ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ އޮންނަ ސަރަޙައްދަކީ ބޮޑެތި އުޅަނދުފަހަރު އާންމުކޮށް ދަތުރުކުރާ ހިސާބަކަށްވުމާއެކު، މި ޚިދުމަތް ފެށުމުން ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.









