މާލޭގެ ސޯސަން މަގު ކޮޅުގައި ހުންނަ ކެފޭއެއްގެ މަތީގައި ހުރި ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ހ. ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މެންދުރު 14:47 ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުން އެތަނުގައި ވަރަށް ބޮޑަށް ރޯވެފައި ހުރި މަންޒަރު ފެނެއެވެ. އަދި އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ އާންމުން ހަރަކާތްތެރިވަމުން އަންނަ މަންޒަރުވެސް ފެނެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު ސަލާމަތަށްޓަކައި ކައިރި ގެތަކުން ވެސް މީހުން ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.









