ހުޅުމާލެ ދެވަނަ ފޭސް އިން ދޫކުރި ކޮންމެ ހުސް ގޯއްޗަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ ޙަފްތާގެ ހޯމަ ދުވަހު އާންމުކުރި "ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްލޭނިންގ އަދި ޢިމާރާތް ކުރުމުގެ އުޞޫލު" ގެ 14 ވަނަ މާއްދާގެ (ޅ)ގައި ބުނާ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ޢިމާރާތް ނުކޮށް އޮންނަ ހުސް ބިމުގައި ކާރެއް ރަޖިސްޓްރީ ކުރަން އެދޭނަމަ އެ ފުރުޞަތު ދޭނެއެވެ.
އެޗްޑީސީން ބުނީ އެފަދައިން ހުސް ބިމަށް ރަޖިސްޓްރީ ކުރެވޭނީ އެންމެ ކާރެއް ކަމަށާއި ރަޖިސްޓްރީ ކުރެވޭނީ ގޯތީގެ ވެރިފަރާތާ ނުވަތަ ވެރިފަރާތާ ޢާއިލީ ގޮތުން ގުޅުން އޮންނަ މީހެއްގެ ކާރެއް ކަމަށެވެ. އަދި ރަޖިސްޓްރީ ކުރަން ހުށަހަޅާ މީހަކީ ވެރިފަރާތް ނޫން ނަމަ ވެރިފަރާތާ ޢާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ކަން ސާބިތުކޮށްދިނުމަށް ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް އުޞޫލުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ގޯތި ޢިމާރާތްކުރުމަށް ކުރެހުން ފާސްކުރަން ހުށަހަޅާއިރު، ރަޖިސްޓްރީ ކުރުމަށް ޙުއްދަ ނެގި ކާރު، އެ ކުރެހުމުގައި ދައްކަން ޖެހޭނެ ކަމަށެވެ.









